މުނިފޫހިފިލުވުން

މައާފަށް އެދުނަސް އަކްޝޭއަށް ސަލާމަތެއް ނެތް


އަކްޝޭ ކުމާރަށް ވަނީ ދުންފަތް އެކުލެވޭގޮތަށް އުފައްދާފައިވާ ދުފުމެއް ކަމަށްވާ "ވިމާލް އެލައިޗީ" އިޝްތިހާރު ކޮށްގެން އާންމުގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައެވެ. އެ އިޝްތިހާރު ކުޅެވުނީތީ އަކްޝޭ ވަނީ މިހާރު މާފަށްވެސް އެދިފައެވެ.

މައާފަށް އެދި އަކްޝޭ ނެރުނު ބަޔާނުގައި ބުނީ ދުންފަތާއި ގުޅުންހުރި އެއްވެސް ޕްރޮޖެކްޓެއްގައި ދެން އޭނާ މަސައްކަތެއް ނުކުރާނެކަމަށެވެ. އަދި އެ އިޝްތިހާރާއި ގުޅިގެން އޭނާގެ ފޭނުންނަށާއި އެހެން މީހުންގެ ހިތްހަމަނުޖެހުމުގެ އަސަރު އަކްޝޭއަށް ކުރިކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މައާފަށް އެދުނު ނަމަވެސް އަކްޝޭއަށް އަދިވެސް ގިނަ ބަޔަކު އަންނަނީ އަކެޝޭއަށް ފާޑުކިޔަމުންނެވެ. ބައެއް މީހުން ބުނާގޮތުގައި އަކްޝޭ އެ އިޝްތިހާރު ކުޅުނީ ވަރަށް ބޮޑު އަގަކަށެވެ. އަދި އޭނާގެ ކުރިއަށް އޮތް ފިލްމު "ބައްޗަން ޕާންޑޭ" އާއި ކުރިއަށްހުރި އެހެން ފިލްމުތައް ނުހިގާފާނެތީ މައާފަށް އެދުނީ ކަމަށްވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

ވަރަށް ފަހުން ދައްކަންފެށި "ވިމާލް އިލައިޗީ" އިޝްތިހާރުގައި އަކްޝޭ އާއިއެކު އަޖޭ ދޭވްގަން އަދި ޝާހުރުކްޚާންވެސް ފެނެއެވެ. އަޖޭ އާއި ޝާހު ދޭނީ ކޮން މެސެޖެއްތޯ ވެސް ބައެއް މީހުން އަކްޝޭއާއި ސުވާލުކޮށްފައިވެއެވެ.

އަކްޝޭ ވަނީ އޭނާގެ އިންސްޓަގްރާމަށް މި އިޝްތިހާރުގެ ޕޯސްޓެއްވެސް ދޫކޮށްލާފައެވެ.