މުނިފޫހިފިލުވުން

ޕްރިޔަންކާގެ "އިޓްސް އޯލް ކަމިންގް ބެކް ޓު މީ" އަންނަ އަހަރަށް


ޕްރިޔަންކާ ޗޯޕްޅާ އާއި ސޭމް ހޫގަން އެކުގައި ފެންނަ ފިލްމު "އިޓްސް އޯލް ކަމިންގް ބެކް ޓު މީ" އަންނަ އަހަރުގެ ފެބްރުއަރީމަހު ސިނަމާތަކަށް އަންނާނެއެވެ.

"ޓެކްސްޓު ފޯ ޔޫ" ގެ ނަމުން މީގެކުރިން ނަންދީފައިވާ މި ފިލްމުގެ ފަސްޓް ލުކްވެސް ޕްރިޔަންކާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ދައްކާލާފައެވެ. އަދި ފިލްމު ރިލީޒްކުރާ ދުވަހާއި އައު ނަންވެސް ޕްރިޔަންކާ ވަނީ ހާމަކޮށްފައެވެ. ސޭމް ވެސް ވަނީ ފިލްމު ރިލީޒްކުރާ ދުވަސް އޭނާގެ އިންސްޓަގްރާމްގައި ހާމަކޮށްފައެވެ.

ހޮލީވުޑްގައިވެސް މިހާރު މަޝްހޫރު ޕްރިޔަންކާ އެންމެ ފަހުން ފެނުނު ހޮލީވުޑް ފިލްމަކީ "މެޓްރިކްސް ރީސަރެކްޝަން" އެވެ. ރުސޯ ބްރަދާސްގެ "ސިޓަޑެލް" ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމެވެ.

ހިންދީ ސިނަމާއިން ޕްރިޔަންކާ އެންމެ ފަހުން ފެނުނީ ފަރްހާން އަޚްތަރާއިއެކު ފެނުނު ފިލްމު "ދަ ސްކައި އިޒް ޕިންކް" އިންނެވެ. އަދި އޭނާގެ ކުރިއަށް އޮތް ފިލްމު "ޖީ ލޭ ޒަރާ" ގެ ޑައިރެކްޓަރަކީވެސް ފަރްހާނެވެ. މި ފިލްމުގައި ކެޓްރީނާ ކައިފް އާއި އާލިއާ ބަޓްވެސް ފެންނާނެއެވެ.

ޕްރިޔަންކާ އާއި ފިރިމީހާ ނިކް ޖޯންސް އަށް ދާދި ފަހުން ސަރޮގެސީ މެދުވެރިކޮށް އަންހެން ކުއްޖަކުވެސް ލިބިފައެވެ.