މުނިފޫހިފިލުވުން

ރޯހިތް ޝެޓީ އޭނާގެ ކޮޕް ޔުނިވާރސް ގޮވައިގެން އެމޭޒަން ޕްރައިމަށް


ކާމިޔާބު ޑައިރެކްޓަރ ރޯހިތް ޝެޓީ އޭނާގެ ކޮޕް ޔުނިވާރސްގެ ޓީމު ގޮވައިގެން އެމޭޒަން ޕްރައިމާއި ގުޅިއްޖެއެވެ. މީ ރޯހިތް ސިރީޒެއްގެ މަސައްކަތްކުރާ އަދި އެމޭޒަންއާއި އެކު މަސައްކަތްވެސް ކުރާ ފުރަތަމަ ފަހަރުއެވެ.

ކޮޕް ސީރީޒްގެ ފިލްމުތައް ހެދުމުގައި ބޮލީވުޑްގެ ނަމްބަރު ވަން ޑައިރެކްޓަރ އެމޭޒަންއަށް ހަދާދޭ ސީރީޒްގައި 8 އެޕިސޯޑް ހިމެނޭނެއެވެ. "އިންޑިއަން ޕޮލިސް ފޯސް" ގެ ނަން ދީފައިވާ މި ސީރީޒްގެ ލީޑް ރޯލުން ފެންނާނީ ސިދާތު މަލޯތްރާއެވެ. އެންމެ ފަހުން ސިދާތު ފެނުނު "ޝޭރްޝާހް" ގައިވެސް އެނާ ކުޅެފައިވަނީ އިންޑިއާގެ ސިފައިންގެ މީހެއް ރޯލެވެ. މި ފިލްމްވެސް ޕްރިމިއަރކުރީ އެމޭޒަންގައެވެ. މި ފިލްމަށްވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

މި ސީރީޒްގެ ޝޫޓިންތައް މިހާރު ވަނީ މުމްބާއީގައި ފަށާފައެވެ. އެހެންނަމަވެސް ސީރީޒް ޕްރައިމަށް އަންނާނެކަމަށް ބެލެވެނީ އަންނަ އަހަރުއެވެ.

ސީރީޒްގެ ފަސްޓްލުކްގެ ގޮތުގައި ދައްކާލާފައިވަނީ ސިދާތު ހުންނާނެ ގޮތެވެ. މި ސީރީޒްގައި ދެން ފެންނާނީ ކޮން ތަރިންނެއްކަމެއް އަދި ނޭނގެއެވެ.

ރޯހިތް ޝެޓީގެ ސިނެމެޓިކް ކޮޕް ޔުނިވަރސްގެ ފިލްތަކުން "ސިންގަމް" އަކީ ސުޕަރ ހިޓެކެވެ. އޭގެ ފަހުން ނުކުތް "ސިންގަމް 2" އާއި "ސިމްބާ"ގެ އިތުރުން "ސޫރިޔަންވަންޝީ" އަކީ ވެސް ކާމިޔާބު ހިޓްތަކެވެ. އެކްޝަން ފިލްތަކުންގެ އިތުރުން ރޯހިތް ޝެޓީއަކީ ކޮމެޑީ ފިލްމަތަކުގައިވެސް ކާމިޔާބު ޑައިރެކްޓަރެކެވެ. އޭނާގެ "ގޯލް މާލް" ޕްރެންޗައިޒްވެސް ވަނީ ގިނަ ރެކޯޑްތަކެއް މުގުރާފައެވެ.