މުނިފޫހިފިލުވުން

ފިލްމަށް ކިޔަނީ "ޑަންކީ" ޝާހުގެ ސިގްނެޗަރ ޕޯސް ނުހިމެނޭނެ


ބޮލީވުޑްގެ ސްޕަރ ސްޓަރ ޝާހުރުކް ހާނު ހިމަނައިގެން ކާމިޔާބު ޑައިރެކްޓަރ ރާޖްކުމާރް ހިރާނީ އުފައްދާ ފިލްމުގެ ނަން ހާމަކޮށްފިއެވެ.

މަޝްހޫރު ތަރިން ހިމަނައިގެން ހިޓް ފިލްމުތަކެއް ދޫކޮށްލާފައިވާ ހިރާނީގެ ފިލްމަކުން ޝާހު ފެންނަ މީ ފުރަތަމަ ފަހަރެވެ. ފިލްމުގެ ނަން ހާމަކުރަން ވަނީ ކުޑަ ޓީޒަރކޮޅެއް ދޫކޮށްލާފައެވެ. މި ޓީޒަރކޮޅު ފެށިގެން އަންނަނީ ބެކް ޕެކެއް އަޅައިގެން ހުންނަ ޝާހު ހިރާނީގެ އެންމެ ކާމިޔާބުވި 5 ފިލްމެއްގެ ޕޯސްޓަރަށް ބަލަހައްޓައިގެން ހުންނަ މަންޒަރާއިއެކުއެވެ. މި ޕޯސްޓަރުތަކުގެ ތެރޭގައި ސަންޖޭދަތު ފެނިގެންދިޔަ" މުންނާ ބާއީ" އާއި އާމިރުހާން ފެނިގެންދިޔަ " ޕީކޭ" އަދި ތްރީ އިޑިއެޓްސް" ގެ އިތުރުން ރަންބީރު ކަޕޫރް ފެނިގެންދިޔަ ސަންޖޭދަތުގެ ބަޔޯޕިކް "ސަންޖޭގެ ގެ ޕޯސްޓަރު ފެންނަން ހުރެއެވެ.

އަމިއްލައަށް ވާހަކަ ދައްކަން ހުންނަ ޝާހުގެ ވާހަކަތައް ހުއްޓާލަނީ ސީނަށް ހިރާނީ ވަންނަ ހިސާބުންނެވެ. އަދި ދެމީހުން ދެތެރޭ ދެކެވޭ ވާހަކަތަކުން އޭނާއަށް އެފަދަ ފުރުސަތެއް އޮތްތޯ ޝާހު އަހައެވެ. ހިރާނީގެ ޖަވާބަކަށްވީ ސްކްރިޕްޓެއް އޮތް ވާހަކައެވެ. އެއާއި އެކު އެ ސްކްރިޕްޓްގައި ކޮމެޑީ، ރޮމޭންސް އަދި އިމޯޝަން އޮވޭތޯ ޝާހު ސުވާލު އުފައްދައެވެ. ފިލްމުގައި އެ ހުރިހާ ބައެއް ހިމެނުނު ނަމަވެސް ޝާހު ލޯބީގައި ގެންގުޅޭ ސިގްނެޗަރ ޕޯސް "ދެއަތް އެއްކޮށް ދެފަރާތައް ހުޅުވާލުން" ނުހިމެނޭނެކަމަށް ހިރާނީ ބުނެއެވެ.

މަޖާ ޑާއިލޮޖްތަކާއި އެކު ފެނިގެންދާ މި ޓީޒަރގައި ފިލުމުގެ ނަން ބުނާ ހިސާބަކީވެސް ފާހަގަކޮށްލެވޭ ހިސާބެކެވެ. ޝާހާއި އެކު ހިރާނީ އުފައްދާ ފުރަތަމަ ފިލްމަށް ދީފައިވާ ނަމަކީ "ޑަންކީ" އެވެ.

މި ފިލްމުގެ ޝޫޓިންތައް މިހާރު ވަނީ ފަށާފައެވެ. އަދި ފިލްމުގެ ގިނަ މަންޒަރުތަކެއް ޕަންޖާބުގައި ނަގަން ވަނީ ޝެޑިއުލްވެސްކޮށްފައެވެ. ރާޖްކުމާރު ހިރާނީއާ އަބީޖަތް ޖޯޝީގެ އިތުރުން ކަނިކާ ޑިލަންގެ ވާހަކައެއްގެ މައްޗަށް އުފައްދާ މި ފިލުމުގައި ޝާހާއި އެކު ލީޑުން ފެންނަނީ ތަފްސީ ޕަންނޫކަމަށް ހަބަރުތައް ބުނެއެވެ. އެހެންނަމަވެސް މިކަން އަދި ޕްރޮޑަކްޝަން ޓީމުން ޔަގީނެއް ނުކޮށްދެއެވެ.

"ޑަންކީ" ގެ މަސައްކަތް ކުރިޔަށްދާއިރު ފިލުމު ސިނަމާތަކަށް އަންނާނެ ތާރީހުވެސް މި ވަނީ އިއުލާންކޮށްފައެވެ. އެއީ އަންނަ އަހަރުގެ ޑިސެމްބަރުމަހުގެ 22 ވަނަދުވަހުއެވެ.