އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ގދ ތިނަދޫ ތޭންކްސް، ޒިޔާދާ ނަޢީމްގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަނިޔާ ލިބިފައިވާކަމަށް ޕޯސްމޯޓަމް ރިޕޯޓުން ދައްކައިފިއެވެ.
 
 
ޒިޔާދާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ހަދާފައިވާ ޕޯސްމޯޓަމްގެ ޕްރެލިމިނަރީ ރިޕޯޓާއި ހަވާލާ ދެއްވާ ފުލުހުން ވިދާޅުވީ ޒިޔާދާގެ ކަނާތުގެ މުލަށްދަޑިއާއި ވައަތުގެ މުލައްދަޑިއަށްވެސް އަނިޔާލިބިފައި ހުރިކަމުގެ ނިޝާންތަކެއް ހުރިކަމަށެވެ. އަދި، ބޮލުގެ އަރިމަތިން ފަހަތަށް ވާގޮތަށްވެސް އަނިޔާގެ ނިޝާންތަކެއް ހުރިކަންވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
 
 
މީގެއިތުރުން ޒިޔާދާގެ އެތެރެ ހަށީގެ އެކި ގުނަވަންތަކަށް ލޭ އެޅިފައިވާކަމަށާއި އޭނާ މަރުވެފައިވަނީ ސިކުނޑީގެ ތެރެއަށް ލޭ އެޅިގެންކަމަށް ބެލެވޭކަމަށް ޕޯސްޓްމޯޓަމްގެ ރިޕޯރޓްގައި ފާހަގަކޮށްފައިވާކަމަށްވެސް  ފުލުހުން ވިދާޅުވެއެވެ.
 
ޒިޔާދާގެ ޕޯސްޓް މޯޓަމްގެ ފުރިހަމަ ރިޕޯޓެއް ލިބޭނީ ޓޮކްސިކޮލޮޖީ ރިޕޯޓާއި އިތުރު ތަޙްލީލު ކުރުމަށްޓަކައި ނަގާފައިވާ ސާމްޕަލްތަކުގެ ޓެސްޓްތަކެއް ހެދުމަށްފަހުގައިކަމަށް ފުލުހުން ވިދާޅުވެއެވެ. ފަރުވާ ދެމުންދަނިކޮށް ޒިޔާދާ މަރުވެފައިވަނީ މިދިޔަ މަހުގެ އަށާވީސް ވަނަދުވަހުއެވެ.
 
ޒިޔާދާއަށް ޖިސްމާނީ އަދި ޖިންސީ އަނިޔާކޮށްފައިވާކަމުގެ ތުހުމަތުގައި އެނާގެ ފިރިމިހާ ހައްޔަރުކޮށް ފުލުހުން ގެންދަވަނީ މި މައްސަލަ ތަޙްޤީޤް ކުރައްވަމުންނެވެ.