މުނިފޫހިފިލުވުން

"ކަބީ އީދް ކަބީ ދިވާލީ" ގެ މިޔުޒިކް ހަދަނީ ދޭވީ ސްރީ ޕްރަސާދް


މިދިޔަ އަހަރު ރިލީޒްކުރި "އަންތިމް:ދަ ފައިނަލް ޓްރަތް" އަށްފަހު ސުޕަސްޓާ ސަލްމާންޚާން މިހާރު ދަނީ އެކްޝަން ފިލްމު "ޓައިގާ 3" މަސައްކަތްތައް ނިންމަމުންނެވެ. އޭގަފަހުން ސަލްމާން ދެން ފަށާނީ "ކަބީ އީދް ކަބީ ދިވާލީ" ގެ މަސައްކަތެވެ. ސާޖިދު ނަދިއާދްވާލާ ޕްރޮޑިއުސްކުރާ މި ފިލްމުގައި ސަލްމާނާއިއެކު ދެން ފެންނާނީ ޕޫޖާ ހެގްޅޭއެވެ.

މި ޕްރޮޖެކްޓުގެ މަސައްކަތްތަކަށް މިހާރު ދަނީ މީހުން ނަގަމުންނެވެ. މިގޮތުން ފިލްމުގެ މިޔުޒިކް އުފެއްދުމަށް ހަވާލުކޮށްފައިވަނީ މިޔުޒިކް ކޮމްޕޯސާ ދޭވީ ސްރީ ޕްރަސާދް އާއެވެ. ދެކުނު ސިނަމާގައި ހިޓަކަށްފަހު ހިޓެއް ދޫކުރަމުންދާ މަޝްހޫރު ކޮމްޕޯސާ ޕްރަސާދް ވަނީ މީގެކުރިންވެސް ސަލްމާންގެ ފިލްމުތަކަށް މިޔުޒިކް ހަދާދީފައެވެ. 2011 ވަނަ އަހަރު ދެއްކި "ރެޑީ" ގެ މަޝްހޫރު ލަވަ ދިންކާ ޗިކާ" 2020 ވަނަ އަހަރު ދެއްކި ސަލްމާނާއި ދިޝާ ޕަޓާނީގެ "ރާދޭ:ޔުއަ މޯސްޓް ވޯންޓެޑް ބާއީ" އިން މަޝްހޫރުވި "ސީޓީ މާރު" އަކީވެސް ޕްރަސާދުގެ މަސައްކަތެވެ.

މީގެއިތުރުން އެކްޝަން ސީންތައް ކޮރެއޯގްރާފް ކޮށްދޭނީ އަނަލް އަރާސޫއެވެ. އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ "ބްރަމަސްތުރާ' ގެ ސިނަމޮޓޮގްރާފާ ވީ މަނިކަންދާވެސް މި ފިލްމުގައި މަސައްކަތް ކުރާނެއެވެ.

"ކަބީ އީދު ކަބީ ދިވާލީ" އަކީ ސާޖިދުގެ ވާހަކައަކަށް ފަރުހާދު ސަމްޖީ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާ އަކީ ސާޖިދު ޕްރޮޑިއުސްކޮށް 2020 ވަނަ އަހަރު ގެނެސްދިން "ހައުސްފުލް 4" ގެ ވެސް ޑައިރެކްޓަރެވެ.

ފިލްމުގެ ބަތަލާއަކަށް ޕޫޖާ ހެގްޅޭ ނަގާފައިވާ އިރު، ކާސްޓްގައި ސަލްމާންގެ ޅިޔަނު އާޔޫޝް ޝަރުމާ އާއި ސަލްމާން ޕްރޮޑިއުސްކޮށް 2019 ގައި ނެރުނު "ނޯޓްބުކް" އިން ތައާރަފުކުރި އެކްޓަރު ޒަހީރު އިގްބާލް ވެސް ހިމެނެ އެވެ. އަޔޫޝް އާއި ޒަހީރު ކުޅޭނީ ސަލްމާނުގެ ދެ ކޮއްކޮގެ ރޯލެވެ. ދެކުނު ސިނަމާގެ ބައެއް ތަރިންވެސް މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެއެވެ.