މުނިފޫހިފިލުވުން

ޝާހު ފެންނަ ހިރާނީގެ ފިލްމުގެ މަސައްކަތް ފަށައިފި


ބޮލީވުޑް ސުޕަރ ސްޓަރ ޝާހުރުކްޚާން ޑަބަލް ރޯލުން ފެންނަ އަތްލީ ކުމާރު ޑައިރެކްޓުކުރާ ފިލްމުގެ މަސައްކަތް ނިންމާލުމަށްފަހު ޝާހު އަނެއްކާވެސް ރާޖް ކުމާރު ހިރާނީގެ ފިލްމުގެ މަސައްކަތް ފަށައިފިއެވެ.

އިމިގްރޭޝަން ޑްރާމާއެއްކަމަށްވާ މި ފިލްމުގެ މަސައްކަތް ފެށީ މިމަހުގެ 15 ވަނަދުވަހުއެވެ. ޝާހާއި އެކު މި ފިލްމުގެ ލީޑުން ފެންނާނީ ތާޕްސީ ޕަންނޫއެވެ. މި ފިލްމުގެ ޝޫޓިންތަކާއި ޝާހު ގުޅުނީ އިއްޔެއެވެ.

މިއީ ޝާހު އާއި ތާޕްސީ އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ. ލަންޑަން އާއި ބުޑާޕެސްޓުގައިވެސް މަންޒަރުތައް ނަގަން ހަމަޖައްސާފައިވާ މި ފިލްމުގެ މުމްބާއީގައި ނަގާ މަންޒަރުތައް މިހާރު ދަނީ ނަގާ ނިންމަމުންނެވެ.

ޝާހު ދެން އެންމެ އަވަހަށް ފެންނަ އަތުލީގެ ފިލްމުގައި ޝާހު އާއިއެކު ދެން ފެންނާނީ ދެކުނު ސުޕަސްޓާ ނަޔަންތްރާއެވެ. މީގެ އިތުރުން "ބަދާއި ހޯ" ގެ ތަރި ސަނާޔާ މަލޯތްރާވެސް މުހިންމު ރޯލަކުން ފެންނާނެއެވެ.

މި ފިލްމުގެ އިތުރުން ދީޕިކާ ޕަޑްކޯން އާއި ޖޯން އަބްރަހަމާއިއެކު ޝާހު ފެންނަ "ޕަތާން" އަކީވެސް އޭނާގެ ފިލްމެކެވެ. "ޕަތާން" އަކީ ޝާހްރުކާއި އޭނާގެ އޭޖެންޓް ޓީމްގެ ވާހަކަ ކިޔައިދޭ އެކްޝަން ތުރިލާއެކެވެ. ދީޕިކާ ވެސް ކުޅެނީ އެޖެންޓެއްގެ ރޯލެވެ. އަދި ފެންނާނީ ވަރަށް ސްޓައިލިޝްކޮށެވެ.

މި ފިލްމު ހިންދީގެ ބަހުގެ އިތުރުން ތަމަޅަ އަދި ތެލޫގޫ ބަހުން ވެސް ނެރޭނެ އެވެ.