މުނިފޫހިފިލުވުން

"ބޫލް ބުލައްޔާ 2" ޓްރެއިލަރ މިއޮތީ، ފިލްމު އަންނަމަހު ސިނަމާތަކަށް


ކިއަރާ އަދްވާނީ އާއި ކާތިކް އާރްޔަންގެ ފިލްމު "ބޫލް ބުލައްޔާ 2" ސިނަމާތަކަށް އަންނަނީ އަންނަ މަހު 20 ގައި ކަމަށް ބުނެފިއެވެ. ގިނަ ދުވަސްތަކަކަށްފަހު ފިލްމުގެ ޓީޒާ ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

"ބޫލް ބުލައްޔާ-2" އަކީ 2007 ވަނަ އަހަރު ރިލީޒްކުރި ކޮމެޑީ ހޮރާ ކޮމެޑީ "ބޫލް ބުލައްޔާ"ގެ ސްޓޭންޑްއެލޯން ސީކުއަލެކެވެ. އަނީސް ބަޒްމީ ޑައިރެކްޓުކުރާ މި ފިލްމަކީވެސް ކުރީގެ ފިލްމެކޭ އެއްފަދައިން ހެއްވާ މަޖާ ކަންތައްތަކަކާއި، ބިރުވެރި ކަންތައްތަކެއްވެސް ހިމެނިގެންދާނެ ފިލްމެކެވެ.

ފިލްމުގެ ބަޠަލާއަކަށް ކިއަރާ ނެގިއިރު ބަޠަލާގެ ރޯލު ސާރާ އަލީޚާނަށް ދޭން ނިންމާފައިވާ ކަމަށްވެސް މީގެކުރިން އަޑުތައްވަނީ އަރާފައެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ ޓީ ސީރީޒުން ބޫޝަން ކުމާރެވެ. އެ ސްޓޫޑިއޯގެ ފިލްމެއްގައި ކިއަރާ ވަނީ މީގެކުރިންވެސް މަސައްކަތްކޮށްފައެވެ. އެއީ އެމީހުން 2018 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ކަބީރު ސިންގް" އެވެ.

ކާތިކް އާ ކިއަރާގެ އިތުރުން ތާބޫ، ރާޖްޕާލް ޔާދަވް އަދި ސަންޖޭ މިޝްރާ ވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ.
2007 ވަނަ އަހަރު ގެނެސްދިން "ބޫލް ބުލައްޔާ" ގައި އަކްޝޭ ކުމާރާއި ވިދިޔާ ބާލަން އާއި ޝައިނީ އަހޫޖާގެ އިތުރުން އަމީޝާ ޕަޓޭލް ވެސް ފެނެއެވެ. މި ފިލްމު ޑައިރެކްޓުކޮށްފައިވަނީ ޕްރިޔަދަރުޝަން އެވެ. އައު ފިލްމުގައި ރާޖްޕާލް ޔާދަވް ފިޔަވައި ކުރީގެ އެއްވެސް ކާސްޓެއް ނެތެވެ.