މުނިފޫހިފިލުވުން

ކޯވިޑުގެ ވާހަކަތަކުން ފެންނާނީ ވިދްޔާ ބާލަން


މިދިޔަ މާޗް މަހު ރިލީޒްކުރި ކާމިޔާބު ފިލްމު "ޖަލްސާ" އަށްފަހު އެ ފިލްމުގެ ލީޑް އެކްޓްރެސް ވިދްޔާ ބާލަން އަނެއްކާވެސް އެހެން ފިލްމަކަށް ސޮއިކޮށްފިއެވެ.

ކްރިތީ ސެނޮން ލީޑް ރޯލުން ފެނިގެންދިޔަ ފިލްމު "މިމީ" ގެ ޑައިރެކްޓަރު ލަކްސްމަން އުތެކަރް ޑައިރެކްޓުކުރާ މި ފިލްމު ޕްރޮޑިއުސްކުރަނީ މެޑޮކް ފިލްމްސް އިން ދިނޭޝް ވިޖާންއެވެ. މިއީ މި ދެމީހުންނާއިއެކު ވިދްޔާ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

އަންނަ ޖޫން މަހު މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި ފިލްމަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޯވިޑުގެ ބަލިމަޑުކަމުގެ މައްޗަށް އުފައްދާ ފިލްމެކެވެ. މި ފިލްމުން ފެންނާނީ ހަގީގީ ހަދިސާތަތަކެކެވެ.

ވިދްޔާ އެންމެ ފަހުން ފެނުނު ފިލްމު "ޖަލްސާ" އަކީ ޝޯޝަލް ޑްރާމާ ތްރިލާ އެއްގެ ގޮތަށް ގެނެސްދޭ އެއްޗެކެވެ. މީގައި ދައްކާނީ އެކި ފަންތީގެ މީހުންގެ މެދުގައި އިންޑިއާގައި އޮންނަ ޒަމާންވީ ތަފާތުކުރުންތަކެވެ. ވިދްޔާ އާއިއެކު ދެން މި ފިލްމުން ފެންނަނީ ގިނަ ހިންދީ ފިލްމުތަކެއްގެ ސަޕޯޓިން ރޯލުން ފެންނަ ޝެފާލީ ޝާހުއެވެ. މި ފިލްމަށް އަންނަނީ ރަގަޅު ތަރުހީބެއް ލިބެމުންނެވެ.

ވިދްޔާ ދެން އެންމެ އަވަހަށް ފެންނާނީ ޕްރާތިކް ގާންދީ، އިލިއާނާ ޑިކްރޫޒް އަދި އިންޑިއަން އެމެރިކަން ތަރި ސެންދިލް ރާމާމުރުތީ އާއިއެކު ރޮމޭންޓިކް ކޮމެޑީއަކުންނެވެ.