މުނިފޫހިފިލުވުން

ފިލްމު ހޯދަން ޝާހިދު މިހާރުވެސް ޕްރޮޑިއުސަރުން ކައިރިއަށް ދޭ


ބޮލީވުޑް އެކްޓަރ ޝާހިދު ކަޕޫރު މިހާރު އެންމެ ބިޒީ ވެގެން އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޖާޒީ" ގެ ޕްރޮމޯޝަންގެ މަސައްކަތުގައެވެ. ނޭޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ތެލުގޫ ފިލްމު "ޖާޒީ" ގެ ހިންދީ ރީމޭކް ކަމުގައިވާ މި ފިލްމުގައި ޝާހިދުގެ އިތުރުން މުރުނާލު ޓާކޫރުވެސް ލީޑް ރޯލުން ފެނިގެންދާނެއެވެ.

ޝާހިދު ދާދިފަހުން ބުނިގޮތުގައި އޭނާގެ ކާމިޔާބު ފިލްމު "ކަބީރު ސިންގް" އަށްފަހު ރަނގަޅު ރޯލުތައް ހޯދުމަށް ޕްރޮޑިއުސަރުން ކައިރިއަށް އޭނާ ދިޔައެވެ. މީގެއިތުރުން ހުރިހާ ވައްތަރެއްގެ ފިލްމެއް އުފައްދާ މީހުންގެ ގާތަށް އޭނާ ދާ ކަމަށާއި މިހާރުވެސް އަދި އަބަދުވެސް އެކަން ކުރާނެކަމަށް ޝާހިދު ވަނީ ބުނެފައެވެ.

އަދި މިކަމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށާއި އެމީހަކު ބޭނުވާ ކަހަލަ ފިލްމެއް ކުޅެވޭނީ އެގޮތަށް އުޅުމުން ކަމަށްވެސް ޝާހިދު ބުނެއެވެ.

ފިލްމީ ކެރިއަރު ފެށުމުގެ ކުރިން ބައެއް ފިލްމުތަކުގެ ބެކް ގްރައުންޑް ނެށުންތެރިއަކަށް އުޅުނު ޝާހިދުގެ އެންމެ ފުރަތަމަ ފިލްމަކީ 2003 ވަނަ އަހަރު ދެއްކި ރޮމޭންޓިކް ކޮމެޑީ "އިޝްގު ވިޝްގް" އެވެ. މި ފިލްމުން ޝާހިދުއަށް ވަނީ ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު ފިރިހެން ޑެބިއު އެވޯޑްވެސް ލިބިފައެވެ. ޝާހިދުގެ އެންމެ ކާމިޔާބު ދެ ފިލްމަކީ 2018 ވަނަ އަހަރު ދެއްކި ޕީރިއަޑް ޑްރާމާ "ޕަދްމާވަތް" އަދި 2019 ވަނަ އަހަރު ދެއްކި ރޮމޭންޓިކް ޑްރާމާ "ކަބީރު ސިންގް" އެވެ.