މުނިފޫހިފިލުވުން

"ސާތިޔާ" ގެ ރީމޭކަށް ވިވޭކް ބޭނުންވަނީ މިކަޕުލް


އެކްޓަރ ވިވެކް އޮބެރޯއީއާއި ރާނީ މުކަރްޖީ ފެނިގެންދިޔަ ފިލްމު "ސާތިޔާ" އަށް މިހާރު މިވަނީ 20 އަހަރު ފުރިފައެވެ.
މި މުނާސަބަތާއި ގުޅުވައިގެން ވިވޭކް އާއި ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ 2002 ވަނަ އަހަރު ދެއްކި މި ރޮމޭންޓިކް ޑްރާމާގެ ރީމޭކެއް ހަދާނަމަ އެ ފިލްމުން ފެންނަން އޭނާ ބޭނުންވަނީ ބޮލީވުޑްގައި މިހާރު ތިބި އެންމެ މަޝްހޫރު ކަޕުލް ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކަމަށެވެ.

2002 ވަނަ އަހަރު ދެއްކި ވިވޭކްގެ ފިލްމު "ކޮމްޕެނީ" ގެ ރީމޭކުގައި ފެންނަން ބޭނުން ވަނީ ކޮން އެކްޓަރެއްތޯ އެހުމުން ވިވޭކް ބުނީ ވިކީ ކޯޝާލްގެ ނަމެވެ.

"ސާތިޔާ" އަކީ ޔާޝް ރާޖް ފިލްމްސް ގެ ދަށުން ޔާޝް ޗޯޕްޅާ އާއި މަނީ ރަތްނަމް ޕްރޮޑިއުސްކޮށް ޝާޑް ޢަލީ ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ. ވިވޭކް އާއި ރާނީގެ އިތުރުން ޝާހު ރުކްޚާނާއި ތާބޫ ވެސް ހާއްސަ ފެނިލުމެއްގައި މި ފިލްމުން ފެނެއެވެ. ތަމަޅަ ފިލްމު "އަލައިޕައުތޭ" ގެ ހިންދީ ރީމޭކެއް ކަމަށްވާ މި ފިލްމުގެ މިޔުޒިކް ހަދާފައިވަނީ އޭއާރް ރަހްމާނެވެ. މި ފިލްމަކީ އެ އަހަރު ހިޓް ވި ފިލްމެކެވެ. މީގެއިތުރުން މި ފިލްމަށް ވަނީ 6 ފިލްމުފެއާ އެވޯޑްވެސް ލިބިފައެވެ.

ރަންބީރާއި އާލިއާ މިހާރު ދަނީ މި މަހު ކުރުމަށް ހަމަޖެހިފައިވާ އެމީހުންގެ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ޚަބަރުތައް ބުނާގޮތުން މި ދެ ތަރިން ކައިވެނި ކުރާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެއީ ރަންބީރު ގެ ގޭގައި ބާއްވާ ޕަންޖާބީ ސަގާފަތުގެ ކައިވެންޏެއްކަމަށްވެސް ނޫސްތަކުން ރިޕޯޓް ކުރެއެވެ.

މި ކައިވެންޏަށް ދައުވަތުދީފައިވާ ބައެއް މަޝްހޫރު މީހުންގެ ތެރޭގައި ދީޕިކާ ޕަޑްކޯން، ރަންވީރު ސިންގް، ކަރަން ޖޯހަރް، އަދިތްޔާ ޗޯޕްޅާ، ސަންޖޭ ލީލާ ބަންސާލީ، އަޔާން މުކަރްޖީ، އަދިތްޔާ ރޯއީ ކަޕޫރު އަދި އަރުޖުން ކަޕޫރު ހިމެނެއެވެ.