މުނިފޫހިފިލުވުން

ރަންބީރާއި އާލިއާ ހަމަ އަސްލުވެސް ކައިވެނި ކުރަނީތަ؟


ބޮލީވުޑްގައި މިހާރު ތިބި އެންމެ ހިޓް ކަޕުލް ރަންބީރު ކަޕޫރާއި އާލިއާ ބަޓް ރައްޓެހިވެގެން އުޅޭތާ ދުވަސްގަޑެއް ވެފައިވާއިރު އެ ދެމީހުންގެ ކައިވެންޏަށް ފޭނުން ދަނީ ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.

މި ދެތަރިންވެސް ކައިވެނި ކުރަން ބޭނުންވެފައި ތިބިކަން ދެ މީހުން މީގެކުރިން ދައްކާފައިވާ ބައެއް ވާހަކަތަކުން އެގެއެވެ. މިހާރުވެސް ރަންބީރުއާއި ކައިވެނި ކޮށްގެން އުޅެވޭ ކަހަލައޭ މީގެކުރިން އާލިއާ ވަނީ ބުނެފައެވެ. އަދި ރަންބީރު ބުނެފައިވާ ގޮތުން ކޯވިޑު ނައިނަމަ އެ ދެމީހުން މިހާރު ތިބޭނީ ކައިވެނިކޮށްގެނެވެ.

މި ހުރިހާ ވާހަކަތަކަކަށްފަހު މިހާރު އެންމެން އަޑަށް ބާރުލާފައި ގަދަޔަށް ދައްކާ ވާހަކައަކީ މި ދެ މީހުން މިމަހު ކައިވެނިކުރާ ވާހަކައެވެ. ނޫސްތަކުން ޖާގަ ހޯދާ ބޮލީވުޑްގެ އެންމެ ހިޓް ވާހަކައަކަށް މިހާރު އޮތީ މި ވާހަކައެވެ. ޚަބަރުތައް ބުނާގޮތުން އާލިއާ އާއި ރަންބީރު ކައިވެނިކުރަން ހަމަޖެހިފައި އޮތީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އަދި މި ކައިވެނި ކުރާނީ ރަންބީރުގެ ގޭގައެވެ. މިއީ ވަރަށް ޕްރައިވެޓް ކައިވެންޏެކެވެ. ކައިވެނީގެ ހަފްލާގައި މާގިނަ ކަންތައްތަކެއް ކުރަން ރާވާފައެއްވެސް ނެތެވެ.

މިހާ އަވަސްކޮށް ކައިވެނި ކުރަން ނިންމީ އާލިއާގެ މަންމަ ފަރާތު ކާފަގެ އެދުމަކަމަކަށެވެ. އާލިއާގެ ކާފަ އޮތީ މުސްކުޅިވެ ވަރަށް ހާލުދެރައެވެ. ކާފަ ބޭނުންވަނީ ވީހާވެސް އަވަހަކަށް އާލިއާ އާއި ރަންބީރު ކައިވެނިކުރާށެވެ.

އާލިއާ އަދި ރަންބީރު ލޯބީގެ ގޮތުން ގުޅިފައިވަނީ 2018 ވަނަ އަހަރުގައެވެ. ދެ ދަރިން ކައިވެނި ކުރަން ފުރަތަމަ ރޭވީ މިދިޔަ އަހަރުއެވެ. ނަމަވެސް ރަންބީރުގެ ބައްޕަ ރިޝީ ކަފޫރް މަރުވުމާ ގުޅިގެން ކައިވެނި ފަސްކުރީއެވެ.